بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކުޑަހުވަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ އައްސަވައި އަދި ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ ވަރަށް ހޫނުގަދަ ވަގުތެއްގައި އަޅުގަނޑަށް އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މި ރަށަށް އާދެވުނީ. އެހެން ނަމަވެސް، ތިޔަ ބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ހަމަ އެއާއެކީގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ތިޔަބޭފުޅުން ވަނީ ވަރަށްބޮޑު ތާއީދެއް އަޅުގަނޑަށް ކުރައްވާފައި. އެކަމަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ވަރަށްކުޑަ ވަގުތުކޮޅެއް މިއޮތީ ވާހަކަ ދައްކަން. އެހެން ނަމަވެސް، އަޅުގަނޑު ގިނައިންވެސް، މަދުންވެސް ދައްކަން އޮތީ ވަރަށް ސާފު ވާހަކައެއް.

އެއީ، އެންމެ ފުރަތަމަ ފަށާ ކަމަށްވަންޏާ ދަންނަވާނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފަށަމުން، މެނިފެސްޓޯ އިޢުލާނުކުރި ރޭ، އަޅުގަނޑު ދެންނެވިން، ރާއްޖެ ތަރައްޤީ ކުރެވޭނީ، އެކި ސަރަޙައްދުތައް، އެކި ޒޯންތައް ތަރައްޤީކޮށްގެންނޭ. ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތަކުންނޭ، ރާއްޖެ ތަރައްޤީ ކުރެވޭނީ، ދެމެހެއްޓެނިވި ގޮތެއްގައި. އެހެން ނޫނީވިއްޔާ، ކޮންމެ އަހަރެއްގައި ބަޖެޓުގައި ޖަހައިގެން، ހުރިހާ ރަށަކަށް، ހުރިހާ ކަމެއް ކޮންމެ އަހަރަކު ތަކުރާރު ކުރަމުން، މިއަދު ހަދާ ބަނދަރު މާދަމާވެސް ހަލާކުވާނެ. ނޫނީވިއްޔާ ކުޑަވާނެ، އޭގެ ޒާތުގައި. އަނެއްކާ ހަދަމުން. އެގޮތަށް މިދިޔަ ދިޔުން މިގޮތަށް ގެންދަންޖެހޭއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ މިނުގައި އެއިން ޚިދުމަތެއް ނުދެވޭނެ. އަދި އަމުދުން ދުނިޔޭގެ މި ބަދަލުވަމުންދާ ތިމާވެށީގެ ކަންކަމަށް ބަލާއިރުގައިވެސް، އެއީކީ މިކަން ދެމެހެއްޓޭ ގޮތެއް ނޫނޭ. ސަސްޓެއިނަބަލް ގޮތެއް ނޫނޭ.

އެހެންވީމާ، އަޅުގަނޑު ހުށަހެޅިން، އުތުރުގެ ހަތަރު ރަށް. އެންމެ އުތުރުން ހަތަރު ރަށް، އެއީ، ނޮދަން ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ތަރައްޤީ ކުރާނެ ވާހަކަ. އެންމެ ދެކުނުގެ ހަތަރު އަތޮޅު. ހަމަ އުތުރުގެ ހަތަރު އަތޮޅު ގޮތަށް، ސަދަން ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި، އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި، އެންމެ މަތީ ފަންތީގައި ތަރައްޤީ ކުރާނެ ވާހަކަ. ދެން އޭގެއިތުރަށް، ބާކީ މިއޮތް ސަރަޙައްދުގައި، ހަތް އަރބަން ސަރަޙައްދެއް، އެ ފެންވަރުގައި ތަރައްޤީ ކުރާނެ ކަމަށް، ގްރޭޓަރ މާލޭ ރީޖަންގެ އިތުރަށް.

އެ ތަންތަން ވެގެންދާނީ، އެ ތަންތަނުގައި އެންމެމަތީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ޤާއިމުވާ ތަންތަނަށޭ. އެ ތަންތަނަށް އެހެން ރަށްތަކުގެ ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި، ކުރިއަށް އޮތް ދުވަސްތަކުގައި، މެދު ރާސްތާ އަދި ދުރު ރާސްތާގައި ހިޖުރަކޮށް، ސެޓްލްވެ، ގެދޮރުވެރިކަމާއި، ވަޒީފާގެ ފުރުޞަތުތަކާއި، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ފުރުޞަތުތަކާއި، މިހެންހުރި ހުރިހާ ކަމެއް އެންމެ ރަނގަޅު ފެންވަރުގައި ލިބޭ ތަންތަނަށް ހަދަންޖެހޭނެ. އެ ހުށަހެޅުން ހުށަހެޅީ. އޭގެ މައްޗަށް ކެމްޕެއިން ކުރީ، މެނިފެސްޓޯ ހެދީ، ރައްޔިތުން އެކަން ބަލައިގަތީ. އަޅުގަނޑު ވަޢުދުވީ ގޮތަށް. އެއީ، އަޅުގަނޑުމެންގެ ސިޔާސަތު. ރައްޔިތުން ބަލައިގަތް ސިޔާސަތު.

އެހެންވީމާ، އެގޮތުން ބަލާއިރުގައި، މި ދެންނެވި ހަތް އަރބަން ސެންޓަރުގެ ތެރެއިން ކުޑަހުވަދުއަކީ އެއްތަންކަން އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން.

ޙަޤީޤަތުގައި ދެން އިތުރު ވާހަކައެއް ނުދެއްކިޔަސް، ހުރިހާ ސުވާލަކަށް ޙަޤީޤަތުގައިވެސް މި ޖަވާބު ދެވުނީ. އެ އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ތަނަކަށް، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އަދި ޢިއްޒަތްތެރި މެންބަރު ފާހަގަކުރެއްވި އަދި ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަމެއް ޤާއިމުވެގެންދާނެ އިރާދަކުރެއްވިއްޔާ. އެއީ، އޭގެ މަފްހޫމަކީ. އެހެންވީމާ، އެކަންކަން ކޮށްދެވޭނެކަމުގެ ޔަޤީންކަން ދެން.

ދެން ބައެއް ކަންކަން ފާހަގަކޮށްލާނަން. އޭގެ އެއްކަމެއްގެ ގޮތުގައި ބަނދަރުގެ ވާހަކަ. މިތަނުގެ ބަނދަރަކީ، ވަރަށް ބޮޑަށް ބޮޑުކުރަންޖެހޭނެ ބަނދަރެއް. ވަރަށް ރަނގަޅަށް ހަދަންޖެހޭނެ ތަނެއް، މި ދެންނެވި ފެންވަރަށް ތަރައްޤީކުރާ ކަމުގައިވާނަމަ. އަޅުގަނޑު ހަނދާން އެބަހުރި، އެންމެ ފުރަތަމަ، އަޅުގަނޑު އޭރުގައި ހުރި މަގާމުގެ ހައިސިއްޔަތުން ބޭރު ތޮށްޓެއް ޖަހަން އަންނަން ޖެހުނީ. އެ ހިސާބުން ފެށިގެން މި ރަށުގެ ބަނދަރުގެ މަސައްކަތް ވަރަށް ގާތުން އެނގޭ.

ދެންވެސް ހަމަ އެކަހަލަ މުހިންމު ކަންތައްތައް އެބަހުރި. ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުން. މިހާރު ހުރި ޚިދުމަތްތައް އިތުރުކުރުން. ޑައަލިސިސް ހެދުމަށްވެސް އިރާދަކުރެއްވިއްޔާ ހިމަނާނަން. އަދިވެސް އެކަހަލަ ގިނަ ޚިދުމަތްތައް ހިމެނޭގޮތަށް، ހޮސްޕިޓަލް ފެންވަރު ރަނގަޅުކޮށް އާ ޢިމާރާތް އެޅުން.

ތަޢުލީމީ ނިޒާމު، ތަޢުލީމީ ޚިދުމަތް ރަނގަޅުކުރުން. މިހެންހުރި ކުޅިވަރުތަކަށް، ޚާއްޞަކޮށް، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން. މިހިރީ އަޅުގަނޑު އޭރުގައި ކެމްޕެއިން ތެރޭގައި ދައްކާފައި ހުރި ވާހަކަ. ވަޢުދުވެސް ވެފައި ހުރި ކަންކަން.

ގެދޮރުވެރިކަން އެއީ، އެންމެ މުހިންމު ކަންތައް. އަރބަން ސެންޓަރެއްގައި، އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ކަންކޮޅުގައި ޤާއިމުކުރަން މި ފަސް އަހަރަށް ކަނޑައެޅި ސާޅީސްހާސް ހައުސިންގ ޔުނިޓުތަކުގެ ތެރެއިން އަރބަން ސެންޓަރުތަކަށާއި، މި ދެންނެވި ދެ ޑިވެލޮޕްމަންޓް ޒޯނަށް އެންމެ ގިނައިން ކަނޑައެޅޭނެ. ދެންހުރި ބައެއް ރަށްތަކަށްވެސް ދާނެ. މުޅި ރާއްޖެއަށް އޭގެ ޝާމިލްކަން ލިބޭނެ.

އެހެންވީމާ، މި ދެންނެވި ހުރިހާ ކަމެއް ހިމެނޭގޮތަށް، ބަނދަރު، މަގުހެދުން، ސްކޫލް، ޞިއްޙީ ޚިދުމަތް އަދި ކުޅިވަރާ ބެހޭ ކަންކަން، މި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އެންމެ ރަނގަޅު ފެންވަރުގައި، ދުރު ރާސްތާގެ ވިސްނުމަކަށް ބަލާއިރުގައި ޤާއިމުކުރެވޭ އެއް ރަށަށް މި ރަށް ހަދާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، އޭގެތެރޭގައި ހަމަ ކޮމާޝަލް ބަނދަރުވެސް. އެއީ، ކޮމާޝަލް ހާބަރެއް މިތަނަށް އަންނަންޖެހޭނެ. އަދި އޭގެ ފައިދާ މުޅި ސަރަޙައްދަށް ކުރާނެ. އެހެންވީމާ، އެކަން އެއީ، އަބަދު ބަޖެޓުގައި ޖަހައި، ބަޖެޓުން ގެއްލޭ ކަމަކަށް ވުމުގެ ބަދަލުގައި، ޙަޤީޤީ ސިފަޖެހި، ޙަޤީޤަތަށް ތިޔަބޭފުޅުންގެ ލޯފުޅުމައްޗަށް ފެންނަ ތަނަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަދައިދޭނަން.

އާދެ، މާގިނަ ވަގުތުނެތީމަ، ހަމަ ޖުމްލަކޮށް މި ދެންނެވީ، މި ޔަޤީންކަން ދިނުމުގެ ގޮތުން ހުރިހާ ކަމެއް. ރަށް ގިރުމުގު މައްސަލަވެސް އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. އަދި ދެންހުރި ކަންކަންވެސް. އެއަރޕޯޓުގެ ވަރަށްގިނަ ކަންކަން ފާހަގަކުރެއްވި. މިތަނަށް މޯލްޑިވިއަންގެ ފްލައިޓްތައް މިހާރު ނާޅާ ވާހަކަ. މިކަހަލަ ވަރަށްގިނަ ކަންކަން ފާހަގަކުރެއްވި.

އެހެންވީމާ، އެކަހަލަ ހުރިހާ ކަންބޮޑުވުންތަކަކަށް އަދި އިރާދަކުރެއްވީތީ މިހާރު އެއަރ އެމްބިއުލެންސްވެސް ފެށިފައި އޮތީމަ، މެޑިކަލް އިވެކުއޭޝަންގެ ކަންކަންވެސް ހަމަ މި އެއަރޕޯޓުންވެސް ލިބިގެންދާނެ. މިހެންގޮސް ޓޫރިޒަމާ ގުޅިފައި ހުރި ކަންކަމުގައިވެސް އަދި މި ރަށުގެ އިޤްތިޞާދީ ބޭނުންތަކަށް އިޚްތިޞާޞްތެރެއަށް ކައިރިން ފަޅުރަށެއް އިތުރުކޮށްދިނުމާއި، މިކަހަލަ ގިނަ ކަންތައްތަކެއް ކުރަން އެބަހުރި.

އެހެންވީމާ، މި ހުރިހާ ކަމެއް ޝާމިލްވާގޮތަށް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭނެކަމުގެ ޔަޤީންކަން ދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.