ސުވާލު:
އަޅުގަނޑުގެ ސުވާލަކީ ސަރުކާރުގެ އެޑްމިން ސްޓާފުންގެ މުސާރައަށް ބަދަލެއް ގެންނަން ރައީސްގެ ވިސްނުންފުޅު އެބަހުރިތޯއޭ؟ އަޑުގަނޑު މިވާހަކަ މިދެއްކީ، އަޅުގަނޑު ވޯކް ކުރަނީ ކައުންސިލްގައި. އަޅުގަނޑަކީ ޑިގްރީއާއި ހިސާބަށް ކިޔަވައިގެން ހުރި ކުއްޖެއް. އަޅުގަނޑުމެންނަށް ގެއަށް ގެންދަން މިލިބެނީ 8000 ރުފިޔާ. އޯޓީއާއި އެއްކޮށް. އެކަމަކު އަޅުގަނޑަށް ފެނޭ ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި މަސައްކަތު މީހުންނަށްވެސް އަޅުގަނޑުމެންނަށް ވުރެ ބޮޑު މުސާރައެއް ލިބޭތަން. އެހެންވީމާ މިކަމަށް ރައީސްގެ ވިސްނުންފުޅު ހުރީ ކިހިނެއްތޯ؟ އެއީ ސުވާލަކީ.

ޖަވާބު:
އާދެ! މޫސާ ޞާބިރުގެ ސުވާލުގެ ޖަވާބުގައި ދަންނަވާލަން. ކައުންސިލްތައް ކެޓަގަރައިޒް ކޮށްފައި މިއޮންނަނީ ވަރަށް ދަށް ފަންތިއެއްގައި. ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ޤާނޫނުގެ ތެރެއިން ކެޓަގަރައިޒް ކޮށްފައި މިއޮތްގޮތް، އެއީ މައިގަނޑު މައްސަލައަކީ. ދެން ސަރުކާރުން، ފިނޭންސް މިނިސްޓްރީއިން މުސާރަ ބޮޑުކުރަން ބޭނުންވިޔަސް އެކަމެއް ނުކުރެވޭ ކެޓަގަރައިޒް ކޮށްފައި އޮންނަ ގޮތުން. ޖުމްލަކޮށް ހަމަ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަކީ އަޅުގަނޑު ބޭނުންވާގޮތް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ވަރަކުން، އިޤްތިޞާދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނީ. ދެން މިހެން އޮތް އިރުވެސް، ކައުންސިލްގެ މުވައްޒަފުން، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. އެންމެ ދަށް ފަންތީގައި ހިމެނޭ މައްސަލައެއް. އެހެންވީމާ އެކަމަށް މިހާރުން މިހާރަށްވެސް ހައްލެއް ގެނެވޭނީ ރައްޔިތުން މަޖިލިސް ތެރެއިން. އެހެންވީމާ އެކަމަށް މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެން އެކަމަށް ޙައްލެއް ގެނެވޭނީ. ޝުކުރިއްޔާ