ސުވާލު:
އައްސަލާމް ޢަލައިކުމް. އަޅުގަނޑު ރައީސް މުޢިއްޒުއާއި ކޮށްލަން ބޭނުންވާ ސުވާލަކީ، މިރަށުގެ ސިއްޙީ މަރުކަޒާއިބެހޭ ގޮތުން ކޮށްލަން ބޭނުންވާ ސުވާލެއް. ވިލިމާލޭ ސިއްޙީ މަރުކަޒާއި ބެހޭގޮތުން. މިހާރު ދެން ހޮސްޕިޓަލެއްގެ ނަން ދެވިފައި އޮތަސް ، އެއްވެސް ޚިދުމަތެއް، ސިއްޙީ މަރުކަޒަކުން ދެވޭ ޚިދުމަތެއްވެސް މިހޮސްޕިޓަލުން ދެވެނީއެއްނޫން. ހަމަ އެންމެ އެމަރޖެންސީ ވިޔަސް ފުރައިގެން ދާންޖެހެނީ މާލެއަށް. މިތަނުގެ ހޮސްޕިޓަލްވެސް އިންނަނީ އައިޖީއެމްއެޗްގެ ދަށުންނޭ ބުނަނީ. އެކަމަކު ހަމަ ބަލިވެގެން ނޫނީ އެމަރޖެންސީ ޙާލަތެއް ކުރިމަތި ވެގެން ވެސް މިކޮޅަށް ގޮއްސިއްޔާ ހަމަ ދާންޖެހެނީ ފެރީގައި މާލެ. އަޅުގަނޑު ރައީސްއާއި ކޮށްލަން ބޭނުންވާ ސުވާލަކީ ހަމަ މިރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެ، މިރަށުގެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނީ ކޮންއިރަކުންތޯއޭ؟ އެ ސުވާލު އަޅުގަނޑު ކޮށްލަން ބޭނުންވަނީ.

ޖަވާބު:
އާދެ! އަޙްމަދު ޝިފާންއަށް ދަންނަވާލަން ބޭނުންވަނީ، ވިލިމާލޭގެ ޞިއްޙީ ޚިދުމަތް ރަނގަޅު ކުރުމަކީ އަޅުގަނޑުމެން ވަރަށް، ވަރަށް އިސްކަންދޭ ސިޔާސަތެކޭ. އިރާދަކުރެއްވިއްޔާ މިހާތަނަށް ހައްލު ނުވެ އޮތް މި މުހިންމު މައްސަލަ ހައްލު ކޮށްދޭނަން. ވިލިމާލޭގައި އަޅުގަނޑު އިއުލާން ކޮށްފައިވާނެ، 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމާ އެ މަސައްކަތް މިހާރު އެބަ ހިނގާ. ޗައިނާގެ ހިލޭ އެހީގެ ދަށުން އެމަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ. މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާއިބެހޭ އިދާރާގެ ބޭފުޅުންނާއި އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާއި ގުޅިގެން ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތްތައް. އެކަމަށް ބިންވެސް ކަނޑައަޅާފައި މިހާރު އެ އޮތީ. އެހެންވީމާ އެމަސައްކަތް ނިމުނުހާ އަވަހަކަށް ދެން ފެންނާނީ ޢަމަލީ ގޮތުން ކަންކުރަން ބަޔަކު އައިސް މަސައްކަތް ފަށާތަން. އެހެންވީމާ އަޅުގަނޑު ޔަޤީންކަން ދެން ހަމަ އިނގޭތޯ؟ ޔަޤީންކަން މިދެނީ އިރާދަކުރެއްވިއްޔާ ވިލިމާލޭގައި، ވިލިމާލެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގައި ޓާރޝަރީ ހޮސްޕިޓަލެއް، 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލެއް ވަރަށް އަވަހަށް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ. ޝުކުރިއްޔާ.