ހުޅުމާލެ ފޭސް 2ގައި ޤާއިމުކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގައެވެ.

މި ރަސްމިއްޔާތުގައި ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ.

މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް ޢާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ޤާއިމުކުރާ ފެސިލިޓީއެކެވެ.

މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަޙައްދަކާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެއެވެ. އަދި މި ފެސިލިޓީ ޤާއިމުކުރުމުން މާލެ ސަރަހައްދުގައި ބުޅާތައް ގިނަވެފައި ވުމުން ކުރިމަތިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މި މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްވެސް މެއެވެ.