‏މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަށުން ހިންގާ 'ދަ ބޭސިކް ސްކޫލް'ގެ ފަރާތުން ކުރިއަށްގެންދިޔަ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވައިލައިދިނުމާއި، ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގެންފިއެވެ. ‏

‏މިއަދު ހަވީރު ގިރިފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ‌‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އެވެ. އަދި ތަމްރީނު ފުރިހަމަކޮށް ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯސް ފަށާފައިވަނީ 28 އޮކްޓޫބަރު 2023 ގައެވެ. މި ކޯހުގައި 135 ދަރިވަރުން ބައިވެރިވެ 98 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 9 އަންހެން ދަރިވަރުންނާއި 89 ފިރިހެން ދަރިވަރުންނެވެ.

މި ރަސްމިއްޔާތަށްފަހު ‏މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ފޯސްގެ ފަރާތުން ވަނީ "ސްޕެޝަލް ފޯސް އޮޕަރޭޝަން ޑިސްޕްލޭ" އެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިދެއްވާފައެވެ.