ފަލަސްޠީނުގެ ވަކި ދައުލަތެއް ނެތި، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކެއްވެސް ނުވާނެ ކަމަށާއި، ފަލަސްޠީނު ދައުލަތެއް ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރުމަކީ ސުލްހައިގެ ވާހަކަތަކަށް އެޅޭ ހުރަހެއް ނޫންކަން ދުނިޔެއިން ޤަބޫލުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި ފަލަޞްތީނާ ދެޤައުމުގެ ދެމެދުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށްފަހު، ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢްލޫމާތު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިވަން ދައުލަތެއް ބިނާކޮށް، 1967 ވަނަ އަހަރު އިސްރާއީލުން ކުރި ހަނގުރާމައިގައި ހިފާފައިވާ އިރުމަތީ ޤުދުސް ފަލަސްޠީނުގެ ވެރިރަށަކަށް ހެދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތްކަން ޔަޤީންކޮށްދެއްވިއެވެ. އަދި ޞުލްހައިގެ ވާހަކަތަކަށްވެސް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރެއްވިއެވެ. ހަމައެއާއެކު، ޞުލްޙައިގެ ވާހަކަތައް ކާމިޔާބު ކުރެވޭނީ، ވެސްޓް ބޭންކްގައި އިސްރާއީލުން ހިންގަމުންދާ މީހުން އާބާދުކުރުމުގެ ކަންތައްތައް ހުއްޓާލައިގެންކަން ރާއްޖެއިންވެސް ޤަބޫލުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އ.ދ.ގެ ޤަރާރުތަކާ އެއްގޮތަށް މަޝްވަރާގެމަތިން، މީހުން އާބާދުކޮށް، އިސްރާއީލާއި ފަލަސްޠީނު، ދެ ދައުލަތެއްގެ ގޮތުގައި އުފެއްދުމަށް ރާއްޖެއިން ތާއީދުކުރާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އ.ދ.ގެ މެންބަރަކަށް ފަލަސްޠީނު ހެދުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށް ވިދާޅުވެ، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައިވެސް ފަލަސްޠީނު ރައްޔިތުންނަށް ތާއީދުކޮށް ރާއްޖެއިން ވަކާލާތުކޮށްފައިވާނެކަން ރައީސުލްމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު،ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެބޭފުޅުން ބޭއްވެވި ބައްދަލުވުމަކީ، ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ވިދާޅުވިއެވެ. ފަލަސްޠީނާއި އަދި މެދުއިރުމަތީގެ ސިޔާސީ މަސްރަހް މިހާރު އޮތް ގޮތާބެހޭގޮތުން ވާހަކަފުޅު ދެއްކެވި ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ސުލްޙައާއި، ހަމަޖެހުމާއި، ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސް ޢައްބާސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ތާރީޚެއްގައި ފަލަސްޠީނަށް ދަތުރުފުޅެއް ކުރެއްވުމަށްވެސް ފަލަސްޠީނުގެ ރައީސް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އެރުއްވި ކަމުގައި ވިދާޅުވިއެވެ.