އަޅުގަނޑުމެންގެ ސިޔާސީ ފިކުރާހެދި އަޅުގަނޑުމެންގެ ތަރައްޤީއަށް ހުރަސްއެޅިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށް މިއަދު ކުރެއްވި ޒިޔާރަތުގައި، އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބައްލަވައެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ހުރިހާ ރައްޔިތުންނާ އެކީގައި، ދިވެހިރާއްޖެއަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތަކާއި، ތަރައްޤީ ގެނައުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއްވެސް ޙާލަތެއްގައި، ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫޙެއްގައި، އެއްވެސް ބޭފުޅަކާ ދޭތެރޭގައި އެމަނިކުފާނު ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މިހާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އިންތިޚާބުވެފައިވާ އެހެނިހެން މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއި، އިންޞާފްވެރިކަމާއި ޢަދުލުވެރިކަމާ އެކުގައި މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއާއި، ރަށުގެ ޞުލްޙަމަޞްލަޙަތު އިސްކުރައްވައި، ސިޔާސީ ފިކުރުތަކުން އެއްކިބާވެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދެވުމަށް ދިއްދޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. މިގޮތުން، ޤައުމެއް ތަރައްޤީ ކުރެވޭނީ، އެ ޤައުމެއްގައި އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ޤާއިމު ކުރެވިގެން ކަމަށާއި، ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫޢުތައް އޮމާންކަމާ އެކީގައި ކުރިއަށް ގެންދެވޭނީ، އެރަށެއްގައި އެއްބައިވަންތަކަމާއި އެކުވެރިކަން އޮވެގެން، ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސްއަޅާ މީހުން، އެކަންކަން ހުއްޓާލައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.