بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޖަމްޝީދު، އަޅުގަނޑުމެންގެ ވަރަށް ޙަރަކާތްތެރި ލުބްނާ، ސައުތު ކޮމާންޑުންގެ ވެރިޔާ، ދެން މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ސިޓީ ކައުންސިލްގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން، މިރަށުގެ، މިއަތޮޅުގެ ލޮބުވެތި ރައްޔިތުން. އަދި އަޅުގަނޑުމެންގެ ފްރީޑަމްގެ ބޭފުޅުންވެސްމެ.

السّــلام عليــكم

އާދެ! މި މަގާމުގައި ހުރެގެން އައްޑުއަތޮޅުގައި މިކަހަލަ ޖަލްސާއެއްގައި ވާހަކަ ދައްކާ ފުރަތަމަފަހަރެއް ނޫން މިއީކީ. އާދެ! އަޅުގަނޑަށް ވަރަށް ފުން ޝުޢޫރުތަކެއް، ތަފާތު އަސަރުތަކެއް މިއަދު އަޅުގަނޑަށް ކުރޭ. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން، އަޅުގަނޑަކަށް ހިއެއްނުވޭ، އޭރު ދުނިޔޭގައި ތިއްބަވާނެހެނެއް. ޚާއްޞަކޮށް، މި ފްރީޑަމްގެ ޒުވާން ބޭފުޅުންކަހަލަ ބޭފުޅުން. އަޅުގަނޑު ދުށިން، މި އައްޑުއަތޮޅު. އައްޑުއަތޮޅުގެ އެންމެ އުޖާލާ، އުފާވެރި، ކާމިޔާބު، މުއްސަނދި ދުވަސްވަރު. އެދުވަސްވަރު އަޅުގަނޑަކީވެސް އެ މުއްސަނދިކަމުގެ ތެރެއިން އެތިކޮޅެއް ލިބޭތޯ މިއަތޮޅަށް އައި މީހެއް. ކިޔަވައިދޭންވެގެން. އަޅުގަނޑު މިއަތޮޅަށް ގެންނެވީ މޫސާބެ. އަޅުގަނޑު މިއަތޮޅުގައި މަސައްކަތް ކުރިއިރު ވަރަށް ގާތްކޮށް، ވަރަށް އިޚްލާޞްތެރިކޮށް، އަޅުގަނޑާ ދޭތެރޭގައި ހިތި، ދެކެ، ކަންތައް ކޮށްދިން އެތައް ރައްޔިތުންނެއް އެބައުޅޭ. އޭގެތެރޭގައި، މޫސާބެ، ޝައިޚް ޢަބްދުލްބާރީ އަދި ޢަލީ ޢަބްދުﷲ މަނިކުފާނު. އަދި ތަފާތު ގޭގޭގައި އަޅުގަނޑު ހުންނަމުން ދިޔައިން. ހިތަދޫގައި އަދި ހުޅުދޫގައި. އަދި މީދޫގައިވެސް.

އާދެ! އަޅުގަނޑު މިވާހަކަ މިދެންނެވީ، އައްޑުއަތޮޅަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޚާއްޞަކޮށް، ގަމަކީ ހަމަ ޖަވާހިރެއް. ހިތާމައަކީ އެ ޖަވާހިރުގެ އަގު އިނގިރޭސިން ފޭބިފަހުން، 57 އަހަރު ވަންދެންވެސް މިއޮތީ ޙަޤީޤީ އެ ޖަވާހިރުގެ ބޭނުން ނުކުރެވި. މިވާހަކަ އަޅުގަނޑު ތަފާތު ޖަލްސާތަކުގައި އަޅުގަނޑު ދެއްކިން. އަދި އެޓޮލްސް މިނިސްޓްރީގައި އަޅުގަނޑު ހުރިއިރުގައި، އައްޑޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް ހަދައިގެން، ޑިވެލޮޕްމަންޓް ގެނައުމަށް އަޅުގަނޑު މަސައްކަތް ކުރިން. މިއަދު މި އަޅުގަނޑުމެންނަށް ފެންނަނީ، މިފަދަ ނަތީޖާއެއް، މިފަދަ ހިތި ޙާދިޘާއެއް ރައްޔިތުންގެ ތެރެއިން އެ ފެންނަނީ، ވަރަށްގިނަ ޒިންމާތަކެއް، ޒިންމާ ނަގަންވީ ފަރާތްތަކުން ޒިންމާ ނުނެގުނީމަ. މިއަދު އަޅުގަނޑުމެން، ޅަކުދިންނަށް ނުވަތަ އެ ދަރިންނަށް ހިތްބަރުކޮށް އެއްޗެއް ބުނުމަކީ، އެއީ މިކަމުގައި އޮތް ގޮތެއް ނޫން. އެހެންވެގެން. މިކަހަލަ ޑިޓޮކްސް ތަންތަން ހެދި އަދި މިތަނުން ރީހެބްދެވި، އަދި މިފަދަ މަސައްކަތް ކުރުމާއިގެން ކުރިއަށްދާން ޖެހެނީ.

އާދެ! ލުބްނާ ދެއްކެވި ވާހަކައިގައިވެސް މިކަމުގެ މުހިންމުކަމާއި، މީގެ މައްޗަށް އަލިއަޅުއްވާލައްވައިފި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަދި އެއީ އެއްފަރާތް ނުވަތަ އެއް ސައިޑް. one side of the story ޙަޤީޤީ ސްޓޯރީއަކީ މި ޒުވާން ދަރިންނަށް ކުރެވޭނެ މަސައްކަތްތަކެއް، މި ސަރުކާރުންވެސް ކުރީގެ ސަރުކާރުންވެސް، އޭގެ ކުރީގެ ސަރުކާރުންވެސް އަދި އޭގެ ކުރީގެ ސަރުކާރުންވެސް ކޮށްފައި އޮންނަންޖެހޭނީ. ހިތާމައަކީ އެކަން އޮތީ އެހެންތޯ ކުރެވިފައި. އާދެ! އެހެންވީމާ، އަޅުގަނޑަށް ހީވަނީ ހަމައެކަނި ރީހެބް ނުވަތަ މިހިސާބަކުން ނުނިމޭނެހެން. މިއީ ޚަރަދަކަށްވާނީ. އަދި އަނެއް ފަރާތުން އެ ދަރިންނަށް، ރީހެބްވެގެން ނުކުންނަ ދަރިންނަށް ގޮތެއް ހޯދައިދިނުމަކީވެސް މިއަދު ޚުދު އަޅުގަނޑުގެވެސް ޒިންމާއެއް. ވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްދޭނަން، އަޅުގަނޑު މި މަޤާމުގައި ހުރިހާ ދުވަހަކު، އަޅުގަނޑު މަސައްކަތް ކުރާނަން. އަދި މަޤާމުގައި ނެތް ކަމުގައިވިޔަސް، އައްޑުއަތޮޅުގެ ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ އަޅުގަނޑު ހުންނާނީ، ދަލުބޭރުން ޖެހިގެންވެސް މަސައްކަތް ކޮށްފައި.

މިހެން މިދެންނެވީ، މިއޮއް ރީތި ގަމުގައި އެއްފަހަރު މަސައްކަތް ކުރެއްވި ޖަލެއް ހަދަން. އަޅުގަނޑު ހުރީ އޭރު މިނިސްޓަރަކަށް. އަޅުގަނޑު ޓީ.ވީ އަށް އަރައި، އެކަމާ އިދިކޮޅު ހެދިން. އިދިކޮޅު ހަދައި، މިނިސްޓަރަކަށް ހުރެ، ސަރުކާރުން ނިންމެވި ކަމަކަށް އިދިކޮޅު ހެދިން. ވަރަށްގިނަ މިނިސްޓަރުން އަޅުގަނޑުދެކެ ކޯފާވެސްވި. ނަތީޖާއަކަށްވީ، އެ ޖަލު އެތަނުގައި ނުހެދުން. މާ މޮޅު ކަމެއް ކުރެވިގެން، އެވާހަކަ ދައްކަނީކީ ނޫން މި. މިފަދަ ކަންތައްތައް ކުރެވިގެން، މުސްތަޤްބަލުގައި ނުވާނެތީ، އެއީ މިސާލެއްގެ ގޮތުން، އެއީ ތަޖްރިބާއެއްގެ ގޮތުން، ފިލާވަޅެއްގެ ގޮތުން އަޅުގަނޑު މިދެންނެވީ އެވާހަކަ.

އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، ވަރަށް ކެތްތެރިކަމާއެކީގައި، ވަރަށްގިނަ ދުވަހު މިއަތޮޅުގެ ރައްޔިތުން ތިބެފިއޭ. ފަންސާސް އެތައް އަހަރެއް. އިނގިރޭސިން ފޭބިފަހުން، ޙަޤީޤީ ތަރައްޤީއާއި ކުރިއެރުމުގެ މަޝްރޫޢެއް، އަޅުގަނޑު ދަންނަވާނީ، މިރަށުގައި ހިންގިފައެއް ނެތޭ. ޝައްކެއްނެތް، ޚިޔާލަކީ ތަފާތު އެއްޗެއް. އަޅުގަނޑު މިހެން މިދެންނެވީ، އެދުވަސް އަޅުގަނޑު މިރަށުން ދެކެފައި ހުރީމަ. އެ ރީތިކަމާއި، މީހުން އުޅެމުން އައި އުފާވެރިކަމާއި، ނަފީއަށް ގޮސް މަސައްކަތް ކޮށްލައިގެން އާދޭ ހިތްހަމަޖެހުމާ އެކީގައި. އާދެ! އޭރުގައި، އަޅުގަނޑުމެންނަށް ފެންނާނެ، ތަފާތު އަންހެން ކަނބަލުން އިސްތަށިފުޅުގައި ހުންނަ ފިނިފެންމާތައް. މިއަދު ކޮބައިތޯ އެ މާތައް. މިއީ އަޅުގަނޑުމެން އަސަރުކޮށް، ހިތާމަކުރަންޖެހޭނެ ކަމެއް. ގަމުން އެހުރިހާ ބޭފުޅުން މަސައްކަތުން ވަޑައިގަންނަވާއިރުގައި، އަޅުގަނޑަށް މިތަނުގައިވެސް އެބަ ފެނޭ، އޭރުގައިވެސް ގަމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން. އާދެ! ވަޒީފާއަކީ މިއީ ވަރަށް މުހިންމު އެއްޗެއް އިނގޭތޯ. ކާންބޯން ސަލާންޖަހަން ޖެހިގެން ނުވާނެ. ވަޒީފާއެއް އޮންނަން ޖެހޭނެ. ވަޒީފާއެއް ހޯދައިދެވެން ޖެހޭނެ. އެއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް.

އާދެ! ކޮންމެއަކަސް މިއީ ވަރަށްދިގު ވާހަކައެއް. މިއީ ހުއްޓޭނެ ވާހަކައެއްވެސް ނޫން. މިދެއްކެނީ ފަންސާސް އެތައް އަހަރެއްގެ ވާހަކަ. ނުހުއްޓޭނެ އެހެން ނޫންތޯ. އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުން އެއްޗަކީ، އިރާދަކުރެއްވިއްޔާ، މިތަނުގެ ފައިދާ ލިބިގެން، ކުދިންތަކެއް ރަނގަޅުވާތަން ދުށުމަކީ ނުވަތަ ފެނުން އެއީ، އަޅުގަނޑުމެންގެވެސް އުންމީދެއް. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ އެހިސާބަށް. އެހެން ނަމަވެސް، މިއަދު އެންމެ ބާރަ ކުދިން އަޅުގަނޑުމެންނަށް ބެލެހެއްޓޭނެ ތަނެއް މިއީ. އަޅުގަނޑު ޤަބޫލެއް ނުކުރަން، މިއަތޮޅުގައި އަދި ރީހެބްގައި ތިބެންޖެހޭނީ ހަމައެކަނި ބާރަ ކުދިން ކަމެއް. ތިބެވޭނީ، ތިބެންޖެހޭނީ އެގޮތަށް ކަމަށް އޮންނާނީ. މިއަށްވުރެ މާ ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެން މިކަން ކުރަން އެބަޖެހޭ. ވީމާ، އަޅުގަނޑުގެ އުންމީދަކީ، މިކަމުގައި މިކަން ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެންނަށް މަސައްކަތް ކުރުމުގެ ތައުފީޤު މާތްﷲ ދެއްވުން.

އާދެ! މިތަން ހެދުމުގައި ވަރަށް ބޮޑެތި އެހީތަކެއްވި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި ބަޔަކުވެސް އެބައުޅޭ. އޭގެތެރޭގައި އަޅުގަނޑު ދަންނަވާނީ، ސަދަން ކޮމާންޑްގެ އިންޗާޖް އަޅުގަނޑުމެންނަށް ވަރަށްބޮޑު އެހީތެރިކަމެއް ދެއްވިއޭ. އެއީ އަޅުގަނޑު މިތަނަށް، މީގެ ދުވަސްކޮޅެއް ކުރިން އައިއިރުގައި، މިތަން ހުރީ މިގޮތަށް ބޭނުންކުރެވޭ ގޮތަކަށް ނޫން. ތަފާތު ސަބަބުތަކާހެދި ނުހެދި ހުރީ މިތަން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑުމެންނަށް މިއޮތީ މިތަން ނިމިގެން، މިތަނުގެ ބޭނުން ހިފޭގޮތަށް ހަމަޖެހިފައި. ހަމައެގޮތަށް ފްރީޑަމް. އާދެ! އަޅުގަނޑަށް އެއްދުވަހު ލިބުނު އެސް.އެމް.އެސް.އެއް. ތިމަންނަމެން ވަރަށް ބޮޑަށް އުންމީދު ކުރަމޭ، މިތަން ހުޅުވޭނެ ކަމަށް. އެކަމަކު ތިމަންނަމެންނަކަށް ހިއެއްނުވެއޭ، މިތަން ހުޅުވޭނެހެނެއް. އެހެންވީމާ، މިކަމުގައި ޑީން އެހީވެދޭށޭ. އާދެ! އެދުވަހު އަޅުގަނޑު ފޯނުކުރިން، މިއަދު މިތާ މިއިންނެވި ހެލްތް މިނިސްޓަރަށް. އެހެންވީމާ، ހެލްތް މިނިސްޓަރުވެސް ހަމަ ވަގުތުން އެކަމުގައި، ވީ އެންމެ އަވަހަކަށް އެކަން ކޮށްދެވޭތޯ މަސައްކަތް ކުރެއްވި. އެހެންވީމާ، އެވެސް ހަމަ ޝުކުރު ޙައްޤު ފަރާތެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން.

އާދެ! މިގޮތުން ފްރީޑަމްގެ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކޮށްލަން. އަބަދުވެސް ކޮންމެ ސަރުކާރަކުންވެސް ހަނދާން ކުރަންޖެހޭނެ، ރައްޔިތުންނާއެކުގައި މަސައްކަތް ކުރެވޭނީ. އެއީ ސަރުކާރަކީ ރައްޔިތުންގެ ނޯކަރުން. ރައްޔިތުންގެ ޚާދިމުން. ސަރުކާރަކުން އެކުރާ މަސައްކަތަކީ، ރައްޔިތުން ޙަވާލުކުރި މަސައްކަތެއް. ޤާނޫނީގޮތުން އެމަސައްކަތް ކުރުމަށްވަނީ ހުވާކޮށްފައި. އެހެންވީމާ، މަސައްކަތް ކުރަންޖެހޭނީ އަބަދުވެސް ރައްޔިތުންނާއެކުގައި. ފަހަރެއްގައިވެސް ސަރުކާރަށް ފެންނަ އެއްޗަކީ އެއީ އެންމެ ރަނގަޅު އެއްޗެއް ކަމުގައި، ސަރުކާރުން ދެކެގެން ނުވާނެ. ރައްޔިތުންގެ މަޝްވަރާއާ އެކީގައި، ކޮންމެ ކަމެއްވެސް ދާންޖެހޭނީ. އެހެންވެގެން މިއަދު ލޯކަލް ގަވަރނަންސް ނިޒާމޭ ކިޔާ ކައުންސިލްތަކެއް އުފައްދައި، މިކަންތައް ކުރަން ޖެހުނީ. އަޅުގަނޑު ހަނދާން އެބަހުރި، ހަމަ މިހާރުވެސް، ކައުންސިލްގެ ވާހަކަ ދައްކަންވެގެން އަޅުގަނޑު މިރަށަށް އައިން. ވަރަށް ކެތްތެރިކަމާއެކީގައި، އެ އަޑު އެއްސެވި. އެދުވަސްވަރަކީ ވަރަށް ފޯރިގަދަވެސް ދުވަސްކޮޅެއް. އެހެން ނަމަވެސް، އަޅުގަނޑު މިއަދު ހަމަ ޝުކުރު އަދާކޮށްލަން. އަޅުގަނޑަކަށް އެދުވަހުވެސް މިއަތޮޅުގެ އަދި ޚާއްޞަކޮށް، މިރަށުގެވެސް އެއްވެސް ރައްޔިތަކު، ދެރަބަހެއް ނުވަތަ ރުޅިވެރިކަމުގެ އެއްޗެއް ނުއެއް ބުނޭ. އަޅުގަނޑު ދެއްކި ވާހަކަވެސް އަޑުއެހި. ފަހަރެއްގައިވެސް، އޭރު ތިއްބެވި ކަތީބުންނާއި އަތޮޅުވެރިން ކަމުނުދަނީކީ ނޫނޭ. އަބަދުވެސް އެހެން މަރްޙަލާއަކަށް، އެހެން ކުރިއެރުމަކަށް އިންސާނުން ދަތުރުކުރަންޖެހޭ. އެ ދަތުރު ކުރުމުގައި އެހެން ގޮތަކަށް ކުރިއަށް ދެވޭނީ، ރައްޔިތުންގެ އަޑު އަހައިގެން. ރައްޔިތުން ބަސް އަހައިގެން. ރައްޔިތުންނަށް ދަތިވާ ކަންތައްތަކުގެ އަޑު، ސަރުކާރަށް އިވިގެން. މި އިވުމަށް ބޭނުންކުރާ ނިޒާމަކީ، ލޯކަލް ގަވަރނަންސް ނިޒާމް ކިޔާ ނިޒާމެއް. މިއީ ހުސްއެކަނި ދިވެހިރާއްޖޭގައި އެކަނި ބޭނުންކުރާ އެއްޗެއް ނޫން. އިންޑިޔާ، ސްރީލަންކާ، އިނގިރޭސިވިލާތް، ނިއުޒީލަންޑް، މިތަންތާނގައިވެސް ހަމަ މިނިޒާމް ބޭނުންކޮށްގެން، ޙަޤީޤީ ޑިމޮކްރަސީއެއް ގެންނަނީ. އެހެންވީމާ، މި އަޅުގަނޑުމެން ފެށްޓި މަސައްކަތް، މާތްﷲ އިރާދަކުރެއްވިއްޔާ ތައުފީޤު ދެއްވައި، އެކަން މިއޮތީ ކާމިޔާބުވެފައި.

އާދެ! އިންސާނުން މަސައްކަތް ކޮށްފިއްޔާ، މާތްﷲ އިރާދަކުރެއްވިއްޔާ ރަޙްމަތް ދެއްވާނެ. އެއީ، ހެޔޮ ނިޔަތުގައި، ހެޔޮކަމެއް ހެޔޮ މަގެއްގައި ކުރާ މަސައްކަތެއް. އެކަން އަޅުގަނޑުމެންނަށް މިކަމުން ހަމަ ރަނގަޅަށް ސާބިތުވޭ. އެދުވަހު އަޅުގަނޑު ކައިރީގައި ވަރަށްގިނަ ބޭފުޅުން ވިދާޅުވި، ތިއުޅެނީ މޮޔަވެގެންނޭ، ތިޔައީ މި ޤައުމުގައި ވާނެ ކަމެއް ނޫނޭ. އަޅުގަނޑު ދެންނެވިން، މިއީ އަޅުގަނޑު މޮޔަވި ފުރަތަމަ ފަހަރެއް ނޫނޭ. 1963 ވަނަ އަހަރު އަޅުގަނޑު ޖަލަށްލިއޭ. ބިޑިއަޅާފައި. އޭރުވެސް އަޅުގަނޑު މޮޔަވެފައޭ ހުރީ. އަޅުގަނޑަށް ހީވަނީ، އެގޮތަށް އަޅުގަނޑު މޮޔަވި މިއީ ތިންވަނަ، ހަތަރުވަނަ ފަހަރުކަންނޭނގެ. މައުމޫންގެ ވެރިކަމުގައި، މަޤާމު ޤަބޫލުކުރީމަވެސް، ބައެއް ބޭފުޅުން ވިދާޅުވި، ތިވެސް ހަމަ މޮޔަވެފައޭ ތިހުރީ. ހަމަ މިފަހަރުވެސް އެހެން އެބަ ވިދާޅުވޭ. އެހެންވީމާ، ވަރަށްގިނަފަހަރު މޮޔަވެފައި ހުރި މީހެއް މިއީ. ދެން އަޅުގަނޑު އެބަ ހިތަށްއަރާ، އަޅުގަނޑު ހައްޔަރު ކުރާނީ، ކިހާ ހިސާބަކަށް މޮޔަވީމާބާއޭ. އަޅުގަނޑަށް ހީވަނީ އެހިސާބަށްދާނެހެން. އެކަމަކު އަޅުގަނޑު ހައްޔަރުކުރާ ދުވަހަކު، އަޅުގަނޑު ހައްޔަރު ކުރަންޖެހޭނީ، މިހިރަ ޢަލީ ވާފިރުގެ ގޭގައި. އެއީ މިއީ ބަނޑޮހުގައި އުޅުނު މީހަކަށްވާތީ. ތަންކޮޅެއް އަޅާލައި އަޅުގަނޑާ ހިތާނެހެން ހީވާތީ.

އާދެ! ކޮންމެއަކަސް ކޮންމެ ކަމެއްގެވެސް ފެށުމެއް އޮންނާނެ. ކޮންމެ ކަމެއްގެވެސް ނިމުމެއްވެސް އޮންނާނެ. ކޮންމެ ކަމެއްގައިވެސް ދަތުރުކުރާ ދަތުރެއް އޮންނާނެ. މިދުނިޔެއަށް މާތްﷲ އަޅުގަނޑުމެން ފޮނުއްވާފައި މިތިބީ، މި ދައުރުގައި، މިދަތުރު ކުރުމަށްޓަކައި. މި ފާލަމުގައި، މިމަގުގައި ހިނގުމަށްޓަކައި. ހިނގާފައިދާއިރު އަޅުގަނޑުމެން ބަލަންޖެހޭނެ، އެކަކު އަނެކަކަށް ރަޙްމަތްތެރިކޮށް، ލޯތްބާއި ގާތްކޮށް، ޙުރްމަތްތެރިކޮށްހިތުމަށް. އެހީވެދިނުމަށް. މިކަންކަމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ވީމާ، މިތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުން، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، މިގޮތަށް މަސައްކަތް ކުރައްވައިގެން، މިތަނަށް އަންނަ ކްލަޔަންޓުންނަކީ، ހަމަ އެބޭފުޅުންގެ ކޮއްކޮއިންކަން، ދައްތައިންކަން، ދަރިންކަން ދެކެވަޑައިގަންނަވައިގެން ޚިދްމަތް ދެއްވުން. އަދި މި ޚިދްމަތް ދެއްވާއިރުގައި އެއީ، ތިމަންނަ އަމިއްލައަށްވެސް ތިމަންނައަށް ހަމަ ލިބިގަންނަ ޚިދްމަތެއް ކަމުގައި، އެބޭފުޅުން ޤަބޫލުފުޅު ކުރެއްވުމަށް. އަބަދުވެސް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ، އެހެން އިންސާނަކަށް އެހީވުމަކީ އެއީ ހަމަ ތިމާއަށްވެސް ޙަޤީޤަތުގައި މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ވެވޭ އެހީއެއްކަން. އެއީ އޭނައަށް ލިބެންވާ އުފަލެއްކަން. ޙަޤީޤީ އުފަލަކީ އަބަދުވެސް އެހެން މީހަކަށްވެވޭ ނުވަތަ ކޮށްދެވޭ އެހީ.

އާދެ! ދެންމެ އަޅުގަނޑު ހިތަށްއެރި، ޖަމްޝީދު ވާހަކަ ދެއްކެވިއިރު، ހަމަ ދެންމެ ވެހިގަންނަނީއޭ. އެހެން ނަމަވެސް، މާތްﷲ އަޅުގަނޑަށް އެ ފުރްޞަތު ދެއްވައިފި. ޙަމްދާއި ޝުކުރު ކުރަން، ވާރޭނުވެހި، އަޅުގަނޑަށް ވާހަކަ ދެއްކުނީތީ. އާދެ! އަޅުގަނޑު މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އަޅުގަނޑު އުންމީދު ކުރަނީ، މިތަނުގެ ބޭނުން ފުރިހަމައަށް ތިބޭފުޅުން ކުރައްވައި، މިތަނުގެ އަގު ހިފަހައްޓަވައި، މިތަނުގެ ތަކެއްޗާ، މިތަކެތި ބެލުމުގައިވެސް އެންމެ ގާތްކޮށް ދެކިވަޑައިގެން، މިއީ ތިމަންމެންގެ ތަނެއްކަން، މި އޯނަރޝިޕް، ތިމަންމެންގެ ތަނެއްކަން، މިއީ ސަރުކާރުގެ ނޫންކަން، މިއީ ރައްޔިތުންގެ ތަނެއް. އާދެ! މިއީ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ނުކުތާއެއް މިހާރު. ބައެއް ބޭފުޅުންނަށް ހީފުޅުވަނީ، ވަކި ސަރުކާރުން ކުރި ކަމެއް އެއީ އެ ސަރުކާރުގެ އެއްޗެކޭ. އެ ސަރުކާރުގެ މުދަލެކޭ. މިއީ ދެން ދަންނަވަންތޯ، ވަރަށް ޙައިރާންވެސްވާންޖެހޭ ކަމެއް. ނާޞިރުގެ ސަރުކާރުން ޚަރަދު ކުރެއްވިއިރުވެސް އެއީ ހަމަ ރައްޔިތުންގެ ފައިސާ. މައުމޫންގެ ސަރުކާރުން ޚަރަދު ކުރެއްވިއިރުވެސް، ހަމަ ރައްޔިތުންގެ ފައިސާ. ނަޝީދުގެ ސަރުކާރުން ޚަރަދު ކުރެއްވިއިރުވެސް، ހަމަ އެ ރައްޔިތުންގެ ފައިސާ. މިއަދުވެސް ޚަރަދު ކުރައްވަނީ، ހަމަ ރައްޔިތުންގެ ފައިސާ.

އެހެންވީމާ، ރައްޔިތުންގެ ފައިސާއާއި، ރައްޔިތުންގެ ތަކެއްޗާ، ރައްޔިތުން ޒިންމާވާންޖެހޭނެ. ރައްޔިތުން ބަލަހައްޓަންޖެހޭނެ. އެހެންވީމާ، އެއީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ވަރަށް މުހިންމު ނުކުތާއެއް. ކިތަންމެ ވަރަކަށް ކޯފާވިޔަސް އަދި އަޅުގަނޑުދެކެ ކިތަންމެ ވަރަކަށް ތިޔަބޭފުޅުން ކޯފާވިޔަސް އަދި ވަޙީދުދެކެ ކޯފާވިޔަސް އަދި މުޙަންމަދު ނަޝީދުދެކެ ކޯފާވިޔަސް، މައުމޫންދެކެ ކޯފާވިޔަސް، ތިޔަބޭފުޅުންގެ އަމިއްލަ ތަކެއްޗަށް، ތިޔަބޭފުޅުން ދެރަގޮތެއް ނަހައްދަވާށޭ. އެހެން ހުރިހާ ކަމެއް ކުރެވިދާނެ. ކާޅުވެސް ގެންގުޅެވިދާނެ. ބުދުވެސް ހެދިދާނެ. އެހެން ހުރިހާ ކަމެއްވެސް ކުރެވިދާނެ. ތަކެއްޗަށް ގެއްލުން ދެއްވީމާ އެއީ، ވަރަށް ހިތާމަހުރި ކަމެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ދެން އަނެއްކާ ވަޙީދު ބަދަލުވެގެންދާއިރުގައި، އެކަހަލަ ކަމެއް ދިމާނުވާނެ ކަމަށް. އަޅުގަނޑު ވަރަށް އުންމީދު ކުރަން. އެއީ، އަޅުގަނޑު ބޭނުމެއް ނޫން، މިހާރު މިފެންނަ ކަހަލަ މަންޒަރުތަކެއް އަދި ކުރަންޖެހޭ އިތުރު އެތައް ޚަރަދެއް. މިއަދުވެސް އަޅުގަނޑުމެން ޗައިނާ ސަރުކާރާ ވާހަކަ ދެއްކިން، އަވަހަށް މިތަންތަން ހެދޭތޯ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްޗަކީ، މިކަންވެސް ތިޔަބޭފުޅުން ބަލައިގަންނަވާށޭ. މިއީ ތިޔަބޭފުޅުންގެ ތަކެއްޗޭ. ތިޔަބޭފުޅުންގެ މުދަލޭ. ވަކިބައެއްގެ، ވަކިފަރާތެއްގެ އެއްޗެއް ނޫނޭ.

އާދެ! އެހެންވީމާ، މިވާހަކަކޮޅާއެކީ އަޅުގަނޑުގެ ވާހަކަ ނިންމާލާނަން. ނިންމާލުމުގެ ކުރިން، އަޅުގަނޑު މާތްﷲގެ ރަސްކަންފުޅަށް، އެދި ދުޢާ ކުރަން، މިތަނުގެ ފުރިހަމަ ބޭނުން، މިތަނުގައި، މިރަށުގެ އަދި މިރަށަށް އެހީ ހޯދަން އަންނަ ހުރިހާ ފަރާތަކަށްވެސް ލިބޭނެގޮތް މެދުވެރިކޮށްދެއްވައި، އަޅުގަނޑުމެންގެ މާޙައުލާއި، އަޅުގަނޑުމެންގެ ވަޒީފާއާއި، ވަޒީފާތަކާ، މިކަންކަމަށް ރަޙްމަތް ލައްވައި، ހެޔޮގޮތެއް މި ޤައުމަށް އަދި މިރަށަށްވެސް އަދި މިއަތޮޅަށްވެސް ދެއްކެވުމަށް.

والحمد للّـه. والســّلام عليــكم