ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އެރަށު ރައްޔިތުންގެ އާންމު ހާލަތާއި، އަސާސީ ޚިދުމަތްތައް ފޯރުވައިދިނުމުގައި ހުރި ދަތިތަކާބެހޭ މަޢުލޫމާތު، ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ހިރިލަންދޫގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި އެރަށުގެ އިޤްތިޞާދީ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ކައުންސިލް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހިރިލަންދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި މައްސަލަތައް ބައްލަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްޕުޅުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައި، އެރަށު ރައްޔިތުންނަށް ފާގަތި، އުފާވެރި ދުވަސްތަކަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.