މިއަދު ރާއްޖެ ވަޑައިގެންނެވި ތުރުކްމެނިސްތާނުގެ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ތުރުކްމެނިސްތާނުގެ ވަފްދުގެ އިސްބޭފުޅަކަށް ހުންނެވީ، ތުރުކްމެނިސްތާނުގެ ކެބިނެޓުގެ ޑެޕިޔުޓީ ޗެއަރމަން ހޮޖާމުޙަންމަތު މުޙަންމަޑޯވެވެ. އެމަނިކުފާނުގެ އިތުރުން، ކެބިނެޓުގެ އެހެން ބައެއް މެންބަރުންވެސް ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތުރުކްމެނިސްތާނުގެ މަތީ ފެންވަރުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެބޭފުޅުންނަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހެޔޮއެދުންތައް ތުރުކްމެނިސްތާނުގެ ރައީސަށް ރައްދުކޮށްދެއްވުމަށް ވަފްދުގެ ބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އިޤްތިޞާދު ބިނާވެފައިވާ މައިގަނޑު ޞިނާޢަތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވައި، މިކަންކަމުގައި ތަޖުރިބާ ޙިއްޞާ ކުރެއްވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާއާއި ތުރުކްމެނިސްތާނުގެ ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ތުރުކްމެނިސްތާނުގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅުންނަށް ދިވެހި ސަރުކާރުން ވިދާޅުވި ހޫނު މަރްޙަބާއާއި ބަހައްޓަވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. މި ދަތުރުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަފްދުގެ ބޭފުޅުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ތުރުކްމެނިސްތާނުގެ ރައީސްގެ ޚާއްޞަ ސިޓީފުޅެއް، ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް ބޭފުޅުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.