ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ އެގާރަވަނަ ސެޝަން ބާއްވައިފި 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ "ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި، ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021 – 2023" ގެ އެގާރަވަނަ ސެޝަން ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި، ބޭއްވި މި ސެޝަންގެ މައުޟޫއަކީ "ލީޑަރޝިޕް އެންޑް ގްރޯތު މައިންޑް ސެޓް"އެވެ. މި ސެޝަން ނަންގަވައިދެއްވީ ތަފާތު ދާއިރާތަކުން މީހުން ތަމްރީނު ކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އަލްފާޟިލް އިޔާޒު ވަހީދެވެ. 

ގްރޯތު މައިންޑް ސެޓަކީ ކޮބައިކަމާއި ގްރޯތު މައިންޑް ސެޓާއި ފިކްސްޑް މައިންޑް ސެޓްގެ ތަފާތަކީ ކޮބައިކަމާއި، ފިކްސްޑް މައިންޑް ސެޓެއްގެ ބަދަލުގައި ގްރޯތު މައިންޑް ސެޓެއް ގެންގުޅުމުން އަމިއްލަ ނަފްސްގެ ކުރިއެރުމަށާއި، މަސައްކަތުގެ މާހައުލަށް މިކަމުގެ ސަބަބުން ކުރާނެ ރަނގަޅު އަސަރުތަކުގެ މައްޗަށް މި ސެޝަންގައި އަލިއަޅުވައިލައްވައި  މަޢްލޫމާތު ދެއްވައިފައިވެއެވެ.

ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27 ވަނަ ދުވަހު އިފުތިތާހު ކުރައްވައިފައިވާ ޕުރޮގުރާމެކެވެ. މިއީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.

·       ލެކްޗަރ 8 – "ލީޑަރޝިޕް އެންޑް ގްރޯތު މައިންޑް ސެޓް" – ފޮޓޯ އަލްބަމް

     ·       ލެކްޗަރ 8 – "ލީޑަރޝިޕް އެންޑް ގްރޯތު މައިންޑް ސެޓް" – ވީޑިއޯ