ރައްޔިތުންގެ އަޑު އައްސަވައިގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލް "ރައްޔިތުންގެ އަޑު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައިވަނީ މިރޭ ސަލްޓަން ޕާކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްދިޔަ 'އަހާ' ސިލްސިލާގެ ދެވަނަ ފޯރަމްގެ ތެރޭގައެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލްއަކީ، މި ހިނގާ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި މަސައްކަތެކެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް މަގުފަހިކުރަން ޖެހޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވަނީ، ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ޤާއިމުކުރަންކަމަށާއި، ކަންކަން ވާނުވާގައި އޮތުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް ބާރުއަޅުއްވައި، މި ސަރުކާރުން މަސައްކަތްކުރައްވާނީ ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށްކަމުގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވީހައި ގާތުން ހޯއްދަވައި ރައްޔިތުންގެ ހާލުއަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަންދެއްވައެވެ. މިގޮތުން މިހާތަނަށް ރައްޔިތުންނާ އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ތަފާތު އެކި އައު ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވެއެވެ. އޭގެތެރޭގައި ވެރިކަމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފަށްޓަވައިފައެވެ. އަދި ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވަން ފަށްޓަވައިފައިވެއެވެ. މީގެއިތުރުން، 'އަހާ' ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދިއުމަށާއި، ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.