ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސް މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ. ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހަށް، އިބްރާޙީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ވައިގެ ބަނދަރުގައި ފަލަސްޠީނުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި، ފަލަސްޠީނާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާން ކުޅުނެވެ. އެއަށްފަހު ފަލަސްޠީނުގެ ރައީސްގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރެއް އެމަނިކުފާނު ބައްލަވާ ފާސްކޮށްދެއްވިއެވެ.

ވައިގެ ބަނދަރުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުން ރައީސަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ފަލަސްޠީނުގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

އެއަށްފަހު، ވައިގެ ބަނދަރުގެ ވީ.ވީ.އައި.ޕީ ލައުންޖްގައި، ފަލަސްޠީނުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލެއްވިއެވެ.