ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ. ރަސްމީ ވާހަކަފުޅުތައް އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ރާއްޖޭގެ ވަފްދުގެ އިސްބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ފަލަސްޠީނުގެ ވަފްދުގެ އިސްބޭފުޅަކީ، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރު 30 އަހަރު ފުރޭކަން ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިއަށް އޮތް ތާނގައި ވަރުގަދަވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަލަސްޠީނަކީ ފުރިހަމަ މިނިވަން ދައުލަތަކަށް ހެދުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރުއޮތްގޮތާ ބެހޭގޮތުންވެސް ފަލަސްޠީނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އެރުވިއެވެ. އަދި ރާއްޖޭގައި އަވަސް އިންތިޚާބަކަށް އެކިފަރާތްތަކުން ބާރުއަޅަމުންދިޔަ ކަމުގައިވިޔަސް، އެކަން ކުރެވެން އޮތީ، ޤާނޫނުއަސާސީއަށް ބަދަލުގެނެސްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައި، ވަރަށް ކެތްތެރިކަމާއެކު ރައީސް މަޙްމޫދު ޢައްބާސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިކުރެއްވި ދަތުރުފުޅަކީ ވަރަށް ތާރީޚީ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވައި، އެކަމުގެ ތަފްޞީލު ދެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި، ދެޤައުމުގެ ދެމެދުގައި ފަންނީ ރޮނގުން ގުޅުން ބަދަހިކުރެވިދާނެ ތަފާތު ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.